ކުޑަ ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން، ރ. އަލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އަލިފުށި ހެލްތު ސެންޓަރުން ބުނީ ރ.އުނގޫފާރު ކްލަސްޓާއާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު އެ ރަށުން ސާމްޕަލް ނެގުނު ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިވަގުތު ކޮންޓެެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ އެ ރަށް މޮނިޓަރިންއަށްލާފައިވާ ކަމަށެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ 2 އަހަރު ނުވާ ކުޑަ ކުއްޖެކެވެ.

ކޮވިޑް ބަލިމަޑުކަން ފެތުރެމުން ދާތީ މި ވަގުތު އަތޮޅު ތެރެއިން ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަަތަށް ލާފައެވެ.

އެ ގޮތުން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުން ކްލަސްޓާތަކެއް އުފެދި އެ ރަށްރަށަށް ދަތުރު ކުރި ބަޔަކު ޕޮޒިޓިވްވެ އިތުރު ރަށްރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަަތަށް ލާފައެވެ. އެ ގޮތުން މިހާރު އުޅޭ ކްލަސްޓާ ތަކުގެ ތެރޭގައި ފެލިވަރު ކްލަސްޓާ އާއި ކުޑަހުވަދޫ ކްލަސްޓާ އާއި އުނގޫފާރު ކްލަސްޓާ ހިމެނެއެވެ.