ގދ. ތިނަދޫން އިން ރޯގާގެ އަލާމާތް ހުރި ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިން ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ތިނަދޫ މިއަދު މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުން 5 މީހަކު ކޮވިޑަށް ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ. އެ 5 މީހުން ވެސް ކޮވިޑް ޓެސްޓު ހަދާފައި ވަނީ އެ ބަލީގެ އަލާމާތްތައް ފެންނާތީ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ވަގުތު އެ ރަށަށް މީހުން އަރާ ފޭބުން މަނާ ކޮށްފައި ވާއިރު، މިހާރު އެ ރަށުގައި ދަނީ ކޮންޓްކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް ބަލިމަޑުކަން ފެތުރެމުން ދާތީ މި ވަގުތު އަތޮޅު ތެރެއިން ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަަތަށް ލާފައެވެ. އެ ގޮތުން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުން ކްލަސްޓާތަކެއް އުފެދި އެ ރަށްރަށަށް ދަތުރު ކުރި ބަޔަކު ޕޮޒިޓިވްވެ އިތުރު ރަށްރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަަތަށް ލާފައެވެ. އެ ގޮތުން މިހާރު އުޅޭ ކްލަސްޓާ ތަކުގެ ތެރޭގައި ފެލިވަރު ކްލަސްޓާ އާއި ކުޑަހުވަދޫ ކްލަސްޓާ އާއި އުނގޫފާރު ކްލަސްޓާ ހިމެނެއެވެ.
ނަމަވެސް އަދި ގދ. ތިނަދޫއަށް ބަލި ފެތުރެން މެދުވެރި ސަބަބު އެނގިފައެއް ނުވެއެވެ. އެ ކަން ދެނެގަތުމަށް އެޗްޕީއޭއިން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ އެޖެންސީން ބުނެއެވެ.