ރ. އަތޮޅު ރަށެއްގައި ޖިންސީ އަނިޔާ ލިބުނު އުމުރުން 14 އަހަރުގެ އަންހެން ކުއްޖާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ މައްސަލައެއް މާޗު 10 ވަނަ ދުވަހު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ރ. އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު މިނިސްޓްރީގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެފަދަ ކޮންމެ މައްސަލައެއްގައި ވެސް އެ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައި ވާ ގޮތަށް އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

އެ ގޮތުން އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ކުއްޖާއަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެއިތުރުން އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނެސް، ގުޅުން ހުރި މުއައްސަސާތަކާ އެކު މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެހެންމެ މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނުމާއެކު ކުއްޖާގެ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުން ދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ތުހުމަތު ކޮށްފައި ވާ މައްސަލައަކީ ހައްސާސީ މައްސަލައެއް ކަމުން، އެފަދަ ހާދިސާތައް ތަހުގީގުކޮށް، ކުށްކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގައި، ކުޑަކުދިންގެ ކަރާމަތަށް އުނިކަން ލިބިދާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ނަސޭހަތްތެރި ވުމާއެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ދައުލަތުގެ އިދާރާތަކާއި، ހަބަރުފަތުރާ ވަސީލަތްތަކާއި، އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު ގާނޫނީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދޭ ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާ "އަޅާލުމާއި ހިމާޔަތް ލިބުން"ގެ (ހ) އަދި އެ ގާނޫނުގެ 33 ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމު ނުކުރުން"ގެ (ހ)އާ ހިލާފުވާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައެއް ގައި ރ. އަތޮޅު މަޑުއްވަރީގައި މިއަދު ވެސް އާންމުން ވަނީ އިހުތިޖާޖެއް ކޮށްފައެވެ. މިއަދުގެ މުޒާހަރާގައި އެރަށު ގިނަ ބަޔަކު ބައިވެރިވި އިރު 14 އަހަރުގެ ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ އެރަަށު ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކަށެވެ.