މ. މުލީގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ އެ އޭޓީއެމް ސެންޓަރުގައި ގާއިމްކޮށްފައިވާ ދެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި. ޗެކް ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މިއަދު ހުޅުވުނު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ބްރާންޗަށް ދާންނުޖެހި، ފަސޭހަ ކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު ބޭންކުން 10 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވާ، އިތުރު 5 ރަށެއްގައި ބެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފައިވާ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 67 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރިކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.