ބަޔަކު މީހުން ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައިގައި ރ. މަޑުއްވަރީގައި މިއަދު ވެސް އާންމުން މުޒާހަރާ ކުރަމުން އެބަދެއެވެ.

"ދަ ޕްރެސް" އަށް މައުލުމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މުރާހަޒާ ފަށާފައި ވަނީ ހަވިރު 04:00 ޖެހި އިރުއެވެ.

އެގޮތުން މިއަދުގެ މުޒާހަރާގައި އެރަށު ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު އެކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

މަޑުއްވަރީގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިންބައިވެރިން ޕޮލޮސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާ ކުރަނީ

މިދިޔަ ބުދަ ދުވަހު ރޭ ވެސް އެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވެ ތަހުގީގު މަރުހަލާ ލަސްވެގެން ދާތީ ކަމަށް ބުނެ ރަށުގެ ރައްޔިތުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެހަމަނުޖެހުން ހިންގައިގެން 10 މީހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

މިއަދުގެ މުޒާހަރާގައި އިއްޔެ ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ވެސް ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

މަޑުއްވަރީގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން

އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ އެރަަށު ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކުވެސް ހިމެނޭ ގޮތަށް ކަމަށް އާއިލާއިން ބުނެއެވެ.

ޓީޗަރެއް ޝާމިލްުވާ ކަމަށް ބުނާ މިމައްސަލައާ ގުޅިގެން އާންމުންގެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކުޑަކުއްޖަކަށް ރައްކާތެރިކަން ދޭން ޖެހޭ ފަދަ މަގާމެއްގައި ތިބޭ ބަޔަކު ކުށް ކޮށް އެ ކުށުން ރެކިގެން ތިބެވުމަކީ މައްސަލައެއްގެ ގޮތުގައި ދެކި އެ ތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ ކުރީކޮޅެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މިހާތަނަށް އައި އިރު މި މައްސަލައިގައި ހެއްކެއް ނެތުމުން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށް ވީ ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސްފައެވެ.