ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށި ދުވަސްވަރު ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅިގެން ބަލަމުން ދިޔަ ކޮރަޕްޝަން މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް އެންގުމަކީ އޭރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީނަށް ވަޒީރުކަން އިޔާދަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސިފަ ކުރައްވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ނިންމި ނިންމުން މުރާޖާ ކުރުމަށް އެންގުމުން އެ ނިންމުން ބަދަލު ކުރަން ނުޖެހޭ ކަމަށް ޕީޖީ އޮފީހުން އޭސީސީއަށް އެންގާފައި އޮތުުމުންނެވެ. ޝިޔާމް ވިދާޅުވީ، އެހެންކަމުން ގެންނަ ބުނި ވެންޓިލޭޓަރުތައް ރައްޔިތުންނަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އަމީނަށް ވަޒީރުކަން އިޔާދަ ކޮށްދިނުމަށާއި ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޝިޔާމް ވަނީ މި ސަރުކާރު ވެރިކަމަށް އައި އިރު "ޒީރޯ ޓޮލެރެންސް" ވައުދަކީ މިއީތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.

މި މައްސަލަ ފެންމަތިވެގެން އައުމާ އެކު ހެލްތު މިނިސްޓަރު ކަމުގެ މަގާމުން އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަމީން އިސްތިއުފާ ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

ވެންޓިލޭޓަރުގެ މައްސަލަައިގައި ދައުވާ ނުކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ކުރިން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، އަލަށް ލިބުނު މައުލޫމާތުތަކާ އެކު ވެސް ގޮންޖެހުންތަކެއް ހުރުމުން ބޭނުންވާ މިންވަރަށް އެ މައުލޫމާތުތައް ގުޅުވައި ލެވޭނީ ކޮން މިންވަރަކަށްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ކޮމިޓީއެއްގައި އެއިން އެއްވެސް މައުލޫމާތެއްގެ ތަފްސީލު ހާމަކުރައްވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.