ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 227،423 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 2444 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 1392 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ 1052 މީހެކެވެ.

މިއާއެކު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހިންގެ އަދަދު ވަނީ 127،277 އަށް އަރާފައެވެ. އަދި އަތޮޅުތެރޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 100،146 އަށް އަރާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށް ފަހު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އަނެއްކާވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް މާލެ ސަރަހައްދުން ދަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދެމުންނެވެ.

މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ގޮތުން މިހާރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ މާލޭގައި ނުތިބޭ ފަރާތްތަކަށެވެ. ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރަން ނުތިބެވޭ ނަމަ ދެވަނަ ޑޯޒް ޖަހަން އެދި ނަން ނޯޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ އިރު އިއްޔެ ވަނީ ޗައިނާއިން ހަދިޔާ ކުރި ސިނޯފާމް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެ ގެނެސްފައެވެ. ހަމައެއާއެކު ރޭގެ ވަގުތެއްގައި އެމެރިކާގެ ކުންފުންޏަކުން އުފެއްދި ފައިޒާ ވެކްސިންގެ 5,850 ޑޯޒް ރާއްޖެއަށް ވަނީ ގެނެސްފައެވެ. ރާއްޖޭގައި ފައިޒާ އަދި ސިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އަދި ސިނޯފާމް ވެކްސިން ދޭން ފަށާފައި ވަނީ މި މަހުގެ 22 ގައެވެ.