ކޮވިޑް ބަލިމަޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ދަނީ އިތުރަށް ރޯގާ ފެތުރުމުގެ ބިރު އޮންނަ ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ، އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިއަދު އުވާލުމާ ގުޅިގެން ނެވެ. އެގޮތުން ދުވާ މީހުން މަގުތައް މަތީ އިތުރުވާނެ ކަމަށް ނުބަލައި ދުވާ ޓްރެކްތައް ބަންދުކޮށްފައި އޮތް އުސޫލު އުވާނުލާ އޮތުމާ ގުޅިގެން ބޮންޑޭ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

ބޮންޑޭ ވިދާޅުވީ، ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކުތައް ބަންދުކޮށް ކަސްރަތު ކޮށް ދުވާ މީހުން އިތުރަށް މަގުތަކާ ގޯޅިތަކަށް ތޮއް ޖެއްސުމަކީ ރޯގާ އިތުރަށް ފެތުރޭނެ ސިޔާސަތެއް ކަމަށެވެ. ހެވީ ވެހިކަލްތައް ދުއްވާ މަގުތަކުން ދުވަން ނުކުމެވޭ ގޮތަށް ހަމަޖެއްސުމަކީ ބުއްދި ގަބޫލު ނުކުރާނެ ނުރައްކާތެރިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް އެޗްޕީއޭ ހާޒިރު ކުރި ބައްދަލުވުމުގެ ތެރެއިން

މީގެ ކުރިން ވެސް ބޮންޑޭ ވަނީ އެޗްޕީއޭއިން ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލާއިރު އިންސާނީ ހަމަ ބުއްދިއަށް ގަބޫލު ނުކުރެވޭ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ރޭގަނޑު 6:00 ޖަހާއިރުން ފެށިގެން ހެނދުނު 6:00 އާ ހަމައަށް އާންމުންނަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުން އޭނާ ފާހަގަ ކުރެއްވިއެވެ. އެޗްޕީއޭގެ މި ނިންމުމުން ހުޅުމާލެ ފަދަ ތަންތަނަށް ދާން ޖެހޭ މީހުން ބަސްތަކަށް އަރާ ފުރާލައިގެން ދާއިރު ކޮވިޑް ޖެހުން ކުޑަވަނީ ތޯ އައްސަވާފައި އޭނާ ވެއެވެ.

އެޗްޕީއޭގެ އެނގުންތަކުގެ ސަބަބުން ބައެއް ވިޔަފާރިުތަަކށް ގެއްލުން ވަމުންދާ މައްސަލައިަގއި އެޗްޕީއޭ ވަނީ މި ހަފްތާތެރޭ މަޖިލީހަށް ވެސް ހާޒިރުކޮށްފައެވެ. މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބުބަކުރު ވަނީ ތަންތަން ބަންދުކޮށް އުސޫލުތައް ހަދާފައި ވަނީ ބަޔަކަށް ދަތި ކުރަން ނޫން ކަމަށް ވިދާލުވެފައެވެ. އަދި ރޯދަ މަސް ގާތްވެފައި އޮތުމުންނާ އެކު އޭރަށް ވަރަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ވެސް މައިމޫނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ކޮވިޑްއިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަނީ އުވާލާފައެވެ. އެ ގޮތުން މައިޒާންތަކާއި ޕާކްތައް ހުޅުވައި އެއްގަމު އިޅަނދު ދުއްވުން މަނާ ވަގުތުވެސް ވަނީ އުވާލާފައެވެ. އަދި ކާފިއު ވަގުތު މަދުކޮށް މިހާރު ކާފިއު ވަގުތެއްގެ ގޮތުގައި ރޭގަނޑު 11:00 އިން ފަތިހު 4:00 އަށްވަނީ ހަމަޖައްސާފައެވެ.