ރާއްޖެއިން ގަންނަ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޗައިނާ އިން ހަދިޔާކުރި ވެކްސިން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ހަފުތާގެ ތެރޭގައި ކޮވިޝީލްޑްގެ 100،000 ޑޯޒް އިންޑިއާ އިން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން މިއަދު ހެނދުނު ދީފައިވާ ކަމަށެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ދޭން ފަށާފައި ވާއިރު ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެކެނާގެ ކޮވިޝީލްޑް ވެކްސިންއެވެ.

މިވަގުތު ރާއްޖޭގައި ޗައިނާގެ ސިނޯފާމް ވެކްސިން ވެސް ދަނީ ޖަހާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް 224،979 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 125،885 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 99،094 މީހުންނެވެ.

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުން ކުރިއަށްގެންދާއިރު، މިދުވަސްވަރު ހާއްސަ ހާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހާއްސަ ހާލަތުގެ ގޮތުގައި ބަލަނީ، ހާއްސަ ހާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އެނބުރި ނާދެވޭ މީހުންކަމަށެވެ.