ށ.މިލަންދޫން ދެ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކަމަށެވެ.

ހޯމް ކަރަމްޓީންގައި ތިބި ދެމީހުންނަށް ވުމުން ކޮންޓެކްޓުންގެ ގޮތުގައި އެއްވެސް މީހަކު އެ ރަށުން ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑު ފެތުރެމުން އަންނައިރު، އަތޮޅުތަކުގެ ރަށްރަށުން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ އަދަދު ވެސް މިހާރު ވަނީ 14 އަށް އަރާފައެވެ. އެއީ ހދ. ކުޅުދުއްފުށީގެ އިތުރުން ނ. ޅޮހި، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިއްޔެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ވަނީ އިތުރު 139 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 22،929 އެވެ.