ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހއްދުގައި އަމަލުކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގިނަ އުސޫލުތަކެއް އުވާލި އިރު މިސްކިތްތަކުގައި އަމަލުކުރަން ޖެހޭ އުސޫލު އުވާނުލުމަކީ ހިތާމަ ހުރި ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ، ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިއަދުން ފެށިގެން އެޗްޕީއޭއިން އަޅާފައިވާ ބައެއް އުސޫލުތައް އުވާލުމާ ގުޅިގެންނެވެ. އެގޮތުން ޕާކުތަކާއި މައިޒާންތައް ހުޅުވާ، ވެހިކަލް ދުއްވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ކާފިއު ވަގުތު ކުޑަ ކޮށް މިހާރު ކާފިއު ވަގުތަކީ ރޭގަނޑު 11 އިން ފެށިގެން ފަތިހު 4 އަށް ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ކަމާ ގުޅީގެން އިޔާޒް ވިދާޅުވީ، ކޮވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލި އިރުވެސް މިސްކިތްތަކާ މެދު އަޅާފައިވާ "ގައިރު ޝަރްއީ" ފިޔަވަޅު އުވާ ނުލާ ކަމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
މި މަސް ފެށިގެން އައި އިރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހަދަން ވާނީ ގައިދުރުކަން ދަމަހައްޓައިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިގޮތަށް އުސޫލު ނެރުމުން އިޔާޒް އޭރުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެގޮތުން މިސްކިތްތަކަށް އަރާ މީހުންގެ ފަރާތުން ކޮވިޑް ފެތުރޭ ކަމަށް އެޗްޕީއޭގެ އެއްވެސް ދިރާސާއަކުން ފެންނަން ނެތުމުން ޖަމާއަތް ހުއްޓުވަން ނުވަތަ ގައިދުރުކޮށް ނަމާދު ކުރަން ބުނާ ބުނުމަކީ ބާތިލް ބުނުމެއް ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިސްކިތުން ފައިބާ މީހުންގެ ރެންޑަމް ސާމްޕަލް ތަކެއް ނަގައިގެން ހެކި ދެއްކުމަށް ވެސް އޭނާ އޭރު ގިޮވާލެއްވިއެވެ. އަދި ނަމާދު ކުރާ އިރު އަމަލު ކުރަން ޖެހޭ ގޮތް ކީރިތި ރަސޫލާ ކަނޑައަޅުއްވާފައި ވަނިކޮށް، އިންސާނުންނަށް ފެންނަ ބަދަލެއް އެކަމަށް ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މި އަހަރު ހަރުކަށި ފިޔަވަޅުތަކެއް އެެޗްޕީއޭއިން އަޅާފައި ވަނީ ރާއްޖޭގައި ކޮވިޑް ބަލީގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް ދާތާ މަސް ދުވަސްވީ ފަހުންނެވެ. އެޗްޕީއޭއިން މިއަދުން ފެށިގެން ބައެއް ފިޔަވަޅުތައް އުވާލައި ލުއިތަކެއް ދީފައިވާ އިރު އަދިވެސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު މަދުވާ ތަނެއް ނުފެނެއެވެ. އެ ގޮތުން އިއްޔެ ވެސް 139 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕިއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާ އިރު މި ހަފްތާ ތެރޭ އެޗްޕީއޭ ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކޮށް އެޗްޕީޢޭއިން އަޅާފައިވާ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތަަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ވާހަކަ ދައްކާފައެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައި ވަނީ، ތަންތަން ބަންދުކޮށްފައި ބަހައްޓަން ބޭނުން ނުވާ ކަމަށާއި އަންނަ ރޯދަ މަހަށް ލުއި ދޭން ނިންމާފައިވާ ކަމަަށެވެ.
އެޗްޕީއޭއިން ލުއިދޭން ފަށާފައިވާ އިރު ރޯދަ މަސް ފެށުމާ މި ވަނީ ގާތްވެފައެވެ. މި އަހަރުގެ ކަލަންޑަރު ދައްކާގޮތުގައި ރޯދަ މަސް ފެށޭނީ އަންނަ މަހުގެ 13 ގައެވެ.