ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮވިޑަށް ޕޮޒިޓިވް ދެ މީހަކު ފެނި ރަށް މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ފޮޒިޓިވް ވެފައި ވަނީ ޅ. ނައިފަރު ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް ގެންދިޔަ ބަލި 2 މީހަކު ކަމަށް އެޗްއީއޯސީން ބުނެއެވެ.

މި ދެ ކޭސްއާ ގުޅިގެން ކުޅުދުއްފުށި ވަނީ މިނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.

އެއާއެކު މިހާރު ރާއްޖޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ އަދަދު މި ވަނީ 14 އަށް އަރާފައެވެ. އެއީ ހދ. ކުޅުދުއްފުށީގެ އިތުރުން ނ. ޅޮހި، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިއްޔެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ވަނީ އިތުރު 139 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 22،929 އެވެ.