މާލެ ސަރަހައްދުން 89 މީހަކާއެކު މިއަދު ޖުމްލަ 139 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 89 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 19 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 31 މީހުން ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

މިއަދު ޕޮޒިޓިވްވި އަދަދު: 139

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 103

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 22،929

ކޮވިޑް އެކްޓިވް ކޭސް: 2497

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 20،359

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 66

މޮނިޓަރިން ހާލަތުގައި ހުރި ރަށްތައް: 13

ކޮވިޑް ބަލީގައި މިހާތަނަށް 66 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ތިން ވަނަ މީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ. އަދި ހަތަރު ވަނަ މީހާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއް ގައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތެވެ.

މިހާރު މޮނިޓަރިން ހާލަަތަށް ބަދަލުކޮށްފައި ހުރި ރަށްތަކުގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ. އެއީ ނ. ޅޮހި، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިލިއެވެ.