ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ބޭބޭފުޅު، ދުބާއީގެ ޑެޕިއުޓީ ރޫލާ އަދި ޔޫއޭއީގެ މިނިސްޓަރު އޮފް ފިނޭންސް، ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ދުބާއީގެ ޑެޕިއުޓީ ރޫލާ އަދި ޔޫއޭއީގެ މިނިސްޓާ އޮފް ފިނޭންސް، ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި އެ މަނިކުފާނަކީ އެ ގައުމުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނު ވަކިވެ ދިއުމުގެ އުނިކަން މުޅި ޔޫއޭއީ ގެ އިތުރުން މެދުއިރުމައްޗާއި މުޅި ދުނިޔެ ވެސް އިހުސާސް ކުރާނެ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ރައީސްގެ މެސެޖުގައި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ ރައްޔިތުންނަށާއި، ހާއްސަކޮށް ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވާފައި ވެއެވެ.