ކ. ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ އެމްޓީސީސީ ބޯޓު ޔާޑުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ތިލަފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިހާރު އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން އަދި ސާފުވެފައެއް ނުވެއެވެ. އަދި މި ހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައެއް ނުވެއެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 02:07 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތިލަފުށީގައި މީގެ ކުރިން ވެސް ވަނީ އަލިފާނުގެ ހާދިސާތައް ހިނގާއެވެ. އެގޮތުން ޑިސެމްބަރު 24، 2020 ގައި ތިލަފުށީ ފަޅުގައި އޮތް ދެ އުޅަނދެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަނީ ފިހިފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތު އެ ދޯންޏާ ކައިރީގައި އިތުރު ދޯންޏެއް އޮތް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެދޯނީގައިވެސް ރޯވެ ވަނީ އަނދާފައެވެ.