ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 218،645 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 2202 މީހުން ވެކްސިން ޖަހާފައިވާއިރު އޭގެތެރެއިން މާލެ ސަރަހައްދުން ވެކސިން ޖަހާފައި ވަނީ 1451 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ 751 މީހެކެވެ. މިއާއެކު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހިންގެ އަދަދު ވަނީ 124،678 އަށް އަރާފައެވެ. އަދި އަތޮޅުތެރޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 98،292 އަށް އަރާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށް ފަހު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އަނެއްކާވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް މާލެ ސަރަހައްދުން ދަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދެމުންނެވެ.

މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ގޮތުން މިހާރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ މާލޭގައި ނުތިބޭ ފަރާތްތަކަށެވެ. ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާއށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރަން ނުތިބެވޭ ނަމަ ދެވަނަ ޑޯޒް ޖަހަން އެދި ނަން ނޯޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.