ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ އެ މަޝްރޫއަށް ބީލަން ހުށަހަޅަން އެބޭންކުން ހުޅުވާލައިފި ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ބުނީ ހަނިމާދޫގެ އެއާޕޯޓު ތަރއްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ފަށާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 11,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލް އިމާރާތް ކުރާނެ ކަމަށެވެ. އަދި 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެ ކަމަށެވެ.

އެމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެއެއާޕޯޓުގެ ޓާމިނަލް ފަރުމާ ކޮށްފަ އިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހި ވަންތަ ފަރުމާ އަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތަކާ އެކު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދާ މުހިއްމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އެ މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ބަރޯސާ ނުވެ، ސީދާ އުތުރުގައި ބޮޑެކަންނެލި ޕެކުކޮށް، ހަނިމާދޫއިން ވައިގެ މަގުން ބޭރުކުރުމަށް މަޝްރޫއުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި އެނޫންވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސާދު ފުޅާކުރުމަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރި އިރު، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރު ހިންގާ ހުރިހާ މަޝްރޫއެއްގެ މަސައްކަތްވެސް ދީފައި ވަނީ އިންޑިއާގެ ކުންފުނިތަކަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.