ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ޑިޖިޓަލް ޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓީވީ ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މިހާރު ކުރައިށްދާ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

މޭ މަހުގެ 31ގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބެލޭނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ .

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.