ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ގާއިމްކޮށްފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައީސް އޮފީހަށް "ބޮޑު" ސިޓީ ހުށައަޅައިފިއެވެ.

އެ ކޯލިޝަނުން ހުށަހެޅި ސިޓީ އަކީ 8 ފޫޓު ހުންނަ ސިޓީއެކެވެ. ޕްލޭވުޑް ފިލާގައި ވާ އެ ސިޓީ ގެންގޮސްފައި ވަނީ އެ ކޯލިޝަންގެ މެންބަރުންނެވެ.

އެ ސިޓީގައި ބުނީ އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލުންވާ ފަދަ އެއްބަސްވުންތަކަށް ބޭރުގެ ވިޔަފާރި ބައެއް ކުންފުނިތަކާއި ބޭރުގެ ދައުލަތްތައް ވަންނަ ކަމީ އެންމެ އުތުރުން ހއ. ތުރާކުނުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއާ ހަމައަށް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ދެއްކި ހުވަފެންތަކާ ހިލާފަށް ގައުމުގެ މިނިވަންކަމާއި ސަލާމަތާއި ސިޔާދަތަށް ބެލުމެއް ނެތި އަޑި ނޭނގޭ ސިއްރު އެތައް އެއްބަސްވުންތަކެއް އިންޑިއާ ސަރުކާރާއެކު ސޮއިކޮށްފައިވުމުން ގައުމުގައި އިންތިހާ އަށް ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

ރައީސް ޔާމީން މިނިވަން ކޮށްދިނުމަށްއެދި އިދިކޮޅުން ރައީސް އޮފީހަށް ހުށަހެޅި ސިޓީއެއް / ފޮޓޯ: ޕީޕީއެމް

އޭގެ ތެރޭގައި އުތުރު ތިލަފަޅާއި އިންޑިއާ އިން ހަދިޔާ ކުރި ހެލިކަޕްޓަރުގެ އެއްބަސްވުމާއި ޑޯނިއާ މަތިންދާ ބޯޓެއް ދިނުމުގެ އެއްބަސްވުމާއި ރާޑަރުތައް ބެލެހެއްޓުމާއި ހައިޑްރޮގްރަފީ ހެދުމުގެ އެއްބަސްވުން ހިމެނެއެވެ.

ރާއްޖޭގެ ދިގު ތާރީހުގައި ދިވެހި ބިމަކީ ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ރާއްޖެ އަޅުވެތި ކުރި ބޮޑެތި ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރި ހިތްވަރު ގަދަ އެތައް ބަތަލުން އުފެއްދި މާތް ބިމެއް ކަމަށާއި ރާއްޖޭގެ ކަރާމާތާއި އިއްޒަތް ދެމެހެއްޓުމަށް ބަތަލުން ލެއިން ގުރުބާންވެފައިވާ އިރު، ގައުމު އަޅުވެތިވެފައިވާ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ތެރެއިން ހާއިނުންތަކެއް ނުކުންނަ ކަން ތާރީހު ހެކިދޭ ކަމަށް ސިޓީގައިވެއެވެ.

ޕޯޗުގީޒުންނާއި ހޮޅިންނާއި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ހާދިސާ ހެއްކަކަށް ފުދޭ ނޫންތޯއެވެ؟
އިދިކޮޅު ސިޓީ

އެހެންވެ ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައި ދިނުމަށާއި ރައްޔިތުންނަށް ކުޑަ ވެސް ލޯތްބެއް އޮތް ނަމަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ގޮތަށް މި ސަރުކާރުން ގާއިމު ކުރި އަޑި ނޭނގޭ ސިއްރު އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކޮށްދޭން ސިޓީގައި ގޮވާލާފައިވެއެވެ.