މާލެ ސަރަހއްދުން 120 މީހަކާއެކު މިއަދު ޖުމްލަ 149 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 120 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 18 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 4 މީހަކާއި ހަދަމުންދާ ރަށަުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ.

މިއަދު 149 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިއަދު ވަނީ 138 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 149
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 90
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 22،662
  • ކޮވިޑް އެކްޓިވް ކޭސް: 2447
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 20،142
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 66
  • މޮނިޓަރިން ހާލަތުގައި ހުރި ރަށްތައް: 8

ކޮވިޑް ބަލީގައި މިހާތަނަށް 66 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ތިން ވަނަ މީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ. އަދި ހަތަރު ވަނަ މީހާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއް ގައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތެވެ.

ވޭތިވެ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ކޮވިޑް ބަލީގައި 2 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 746 އެވެ. އަދި މިދިޔަ ޖެނުއަރީ މަހު މި ބަލީގައި 4 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2084 އެވެ. ފެބްރުއަރީ މަހަށް އައި އިރު އެ އަދަުތައް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ މަހު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3952 އަށް އަރާފައެވެ.

މިއަދު 120 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، މި މަހު މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ 2869 އަށް އަރާާފައެވެ.