ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ ރޯދަ މަހު ލުއި ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މައިމޫނާ މިހެން ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް އެޗްޕީއޭ ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މެންބަރެއް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ، ލުއިތައް ދިނުމަށް އިތުރު ބާރަކަށް ވާނީ ވެކްސިން ޖެހުމާއި ވެކްސިން ދެވޭ ނިސްބަތް ކަމަށެވެ. ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައި، ރަނގަޅު ކަވަރޭޖެއް ގެނައުން މިއީ ވަރަށް ބޮޑު އުންމީދެއް ކަމަށް މައިމޫނާ ވިދާޅުވިއެވެ.
އެޗްޕީއޭގެ މަގްސަދަކީ ލުއިދެވެން އޮންނަ އިރު ހުރިހާ ތަނެއްވެސް ހުޅުވާއިގެން އެ ފުރުސަތުތައް ފަހިކޮށްދިނުން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ބަލަމުން ދަނީ ބަލި ފެތުރުމުގެ ހާލަތާއި ބަލި ކޮންޓްރޯލް ކުރުމުގެ ހާލަތަށް ކަމަށް މައިމޫނާ ވިދާޅުވިއެވެ. އެކަމަށް ބެއްލެވުމަށް ފަހު ލުއިދެވިގެން ދާނެ ކަމަށް މައިމޫނާ ވިދާޅުވިއެވެ.
އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު ދިމާވެފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައާ މެދު މައުލޫމާތު ހިއްސާ ކުރައްވަމުން މައިމޫނާ ވިދާޅުވީ، މި ވަގުތު ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވި ފިޔަވަޅުތައް އެޅުމަށް ލިބުނު ފުރުސަތަކީ ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަަކަކީ ޓެކްނިކަލް ބޭފުޅުންގެ ލަފާގެ މަތިން ހާލަތަށް ބެލުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް މައިމޫނާ ވިދާޅުވިއެވެ. އެގޮތުން ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ބަލި ފެތުރުމުގައި ހައިރިސްކް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުމުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް މައިމޫނާ ވިދާޅުވިއެވެ. އިތުރު ތަފްސީލް ދެއްވަމުން މައިމޫނާ ވިދާޅުވީ އެފަދަ ތަންތަނުގައި މާސްކް ނާޅާ ގައިދުރު ކަމެއް ނެތި ގިނަ ބަޔަކު ތިބުމަކީ ބަލި އަވަހަށް ފެތުރޭނެ ކަމެއް ކަމަށާއި އެއީ ރިސްކެއް ގޮތުގައި ސިފަކުރައްވާ ކަމަށެވެ.
މީގެ ކުރިން އެ ފަދަ ތަންތަނާ މެދު ފިޔަވަޅުތައް ނާޅާ ދުވަސްތަކެއް މަޑުކުރެއްވި ކަން ފާހަގަ ކުރައްވަމުން މައިމޫނާ ވިދާޅުވީ އެ ދުވަސްވަރު އެޗްޕީއޭއިން އެ ތަންތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ރެސްޓޯރަންޓް ކެފޭތައް ބަނދުކުރުމުގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫތުވެ ގެއްލުންވަމުންދާ މައްސަލައިގައި މިއަދު އެޗްޕީޢޭ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ އިރު މި މައްސަލައިގައި ގިނަ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަދި މި ކަންބޮޑުވުމުގެ ސަބަބުން ގިނަ ވިޔަފާރުވެރިންތަކެއް ވަނީ ލުއި ނުދީފި ނަމަ އެ ވިޔަފާރިތައް އެއްކޮށް ބަންދުކޮށް ހިދުމަތް ނުދޭނެ ކަމުގެ އިންޒާރެއްވެސް ދީފައެވެ. މި ކަންބޮޑުވުންތައް ފެންމަތިވެފައި ވަނިކޮށް އިއްޔެ އެޗްޕީޢޭއިން ވަނީ ކެފޭ ރެސްޓޯރަންޓް ސައިހޮތާ ފަދަ ތަންތަން ހުޅުވައިންގެން އާންމުންނަށް ހިދުމަތް ދޭ ގަޑިއަށް ބަދަލު ގެނެސްފައެވެ. އެ ގޮތުން މިހާރު އެ ހިދުމަތް ރޭގަނޑު 10:30 އާ ހަމައަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.