މާލެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މ. ސަމަންދަރު ގޭގެ އަށް ވަނަ ފަންގިފިލާގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އުނދުނަށް އުދާފަ ހުރި ތާހެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:38 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބަދިގޭގެ ބޮޑު ބަޔަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ބަދިގޭގައި ބޭނުން ކުރާ ސާމާނުތަކަށް އަދި އެތަނުގައި ހުރި ޓީވީއަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.