ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު، މަސްޖިދުއް ނަބަވީގައި ތަރާވީހު ނަމާދު ކުރާނެ ކަން ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އިއުލާންކޮށްފިއެވެ.

މަސްޖިދުއް ނަބަވީގެ ކަންކަމާ ހަވާލުވެވަޑައިގެން މިވަގުތު އެންމެ އިސްކޮށް ހުންނެވި ޝައިހް ޢަބްދުއްރަޙްމާން ސުދައިސް ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތަކާއެކު، އަޅުކަން ކުރާ ފަރާތްތަކަށް، އެ މިސްކިތް ހުޅުވާނެ ކަމަށެވެ.

ޝައިހް ސުދައިސް ވިދާޅުވީ އެއް ވަގުތެއްގައި އެންމެ ގިނަ ގިނަވެގެން، މަސްޖިދުއް ނަބަވީގައި ތިބެވޭނީ 60000 މީހުންނަށް ކަމަށެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ތަރާވީހު ނަމާދުގެ ދޮޅު ގަޑިއިރު ފަހުން މިސްކިތް ބަންދު ކުރާނެ ކަމަށާ، އެއަށްފަހު މިސްކިތް ދެން ހުޅުވާނީ، ފަތިސް ނަމާދުގެ ދެ ގަޑިއިރުގެ ކުރިން ކަމަށެވެ. އަދި ރޯދަ މަހުގެ ފަހު 10 އެއްގައި، 24 ގަޑިއިރު ހުޅުވާފައި ބަހައްޓާނެ ކަމަށްވެސް ހަބަރު ލިބެއެވެ.

މަސްޖިދުއް ނަބަވީގެ ކަންކަމާ ހަވާލުވެވަޑައިގެން މިވަގުތު އެންމެ އިސްކޮށް ހުންނެވި ޝައިހް ޢަބްދުއްރަޙްމާން ސުދައިސް ކޮވިޑް ވެކްސިން ޖައްސަވަނީ / ފޮޓޯ: ޓްވިޓާ

ސައުދީއިން ދަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ކާމިޔާބު ނަތީޖާތަކެއް ނެރެމުންނެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އެ ގައުމުގައި ވެކްސިން ކެމްޕޭންވެސް ކުރިއަށް ދާއިރު، ޝައިހް ސުދައިސްވެސް ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ.