ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ގައުމުން ބޭރަށް ފުރަންޖެހޭ މީހުން ނަން ނޯޓު ކުރުމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރު ކުރަން ޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 12-8 ހަފުތާގެ ތެރޭގައި ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ މީހުން އެޗްޕީޢޭގެ ހޮޓްލައިން 1676 ނަންބަރަށް ގުޅައިގެން ނަން ނޯޓު ކުރަން އެދޭ ކަމަށެވެ. އެގޮތުން ނަން ނޯޓު ކުރާނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ވެފައިވާ މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު އެޗްޕީއޭގެ ހޮޓްލައިންށް ގުޅައި ނަން ނޯޓުކޮށް މައުލޫމާތު ދިނުމަށް ފަހު އެޗްޕީއޭއަށް އީމެއިލްގެ ޒަރީއާއިން މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން ޖެހުމަށްޓަކައި ނަން ނޯޓު ކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އެމީހަކަށް އަންގާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެކްސިން ޖަހަންދާއިރު ގެންދަން ޖެހޭ ލިޔުން

  • ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑު
  • އައިޑީ ކާޑު
  • ޓިކެޓް ނުވަތަ ދަތުރަށް ފުރާކަން އެނގޭނެ ލިޔުން
  • ބޭސް ފަރުވާއަށް ފުރަންޖެހޭކަމުގެ ލިޔުން
  • ދަރިވަރެއް ނަމަ ޔުނިވަރސިޓީގެ ލިޔުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށް ފަހު މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އަނެއްކާވެސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އަދި ޟާލެ ސަރަހައްދުގައި މާދަމާ ފުރަތަމަ ޑޯޒް ޖަހަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ގައުމުގައި ނުތިބެވޭ ފަރާތްތަކަށް ދެވަނަ ޑޯޒް ޖަހައިދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވާއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާ އާއި 12 ހަފްތާ އާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އާންމުކޮށް ދެވަނަ ޑޯޒް ދޭން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުން ފެށިގެން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.