ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް އަނެއްކާވެސް ވެކްސިން ޖަހަން ނިންމައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ނުޖަހާ ތިބި މީހުންނަށް މާދަމާއިން ފެށިގެން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ހުޅުވާލައިގެން ވެކްސިން ޖެހުން ކުރިއަށް ދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލި އިރު މި ސަރަހައްދުން 121،630 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. މިހާތަނަށް ޖުމްލަ 218،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، 97،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވަނީ އަތޮޅު ތެރެއިންނެވެ.
މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި 18 އަހަރުންމަތީގެ އުމުރު ފުރާގެ ކޮންމެ މީހަކަށް ވެސް ވަނީ ވެކްސިން ޖަހާފައެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ވެސް ވަނީ މި ކެމްޕޭންގެ ދަށުން ވެކްސިން ޖަހައިދީފައެވެ.
ރާއްޖެއަށް މިހާތަނަށް ލިބި، ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި 12000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް ވެކްސިން ޖެހި އަދަދު ވަނީ 212،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. ލިބުނު ވެކްސިން އަށް ވުރެ ގިނައިން ވެކްސިން ޖަހާކަން ފާހަގަ ވެފައި ވާ ސަބަބު އޮޅުން ފިލުވައި ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ، 212،000 ޑޯޒްގެ ވެކްސިނަކީ 21،200 ވެކްސިން ފުޅި (ވައިލް) ކަމަށެވެ. އަދި ކޮންމެ ފުޅިއަކުން 10 ޑޯޒް ނެގޭ އިރު، ބައެއް ފުޅިން 11 ޑޯޒް ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އެއް ވަނަ ޑޯޒް ދިނުން ހުއްޓާލާފައިވާ އިރު ދެވަނަ ޑޯޒް ވެކްސިން އަންނަ އޭޕްރިލް މަހު ޖަހަން ފެށޭ ވަރުވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭޕްރިލް މަސް ފެށެން ވާއިރަށް އިތުރު ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެއެވެ.