ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުން ހިދުމަތް ދޭ ގަޑިތަކާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް މުޅިން ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެޗްޕީއޭއިން އަޅާަފއިވާ ފިޔަވަޅުތަކުގެ ތެރެއިން ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސް އެތަންތަން ހުޅުވައިގެން ރޭގަނޑު 10:30 ވާން ދެން އާންމުންނަށް ހިދުމަތް ދެވޭ ގޮތަށް ބަދަލު ގެނައުމާ ގުޅިގެންވެސް މައްސަލަ ހައްލު ނުވާކަމަށް އިޝާރާތް ކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވީ، އެތަންތަން ރޭގަނޑު 10:30 އާ ހަމައަށް ހުޅުވައިގެން ހިދުމަތް ދެވޭ ގޮތަށް ބަދަލު ގެނައުމަކީ އެ މައްސަލައަށް ހައްލު ލިބޭނެ ކަމެއްގެ ގޮތުގައި އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ނުބުނާ ކަމަށެވެ. އެހެންކަމުން މިހާރު ބޭނުން ވަނީ އެ ފިޔަވަޅުތައް މުޅިން ދޫކޮށްލަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދޭ ގަޑިއަށް އެޗްޕީއޭއިން ބަދަލު ގެނެސްފައި މިވަނީ މިއަދެވެ. މީގެ ކުރިން އެޗްޕީޢޭއިން ވަނީ އެފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭ އެން ލަސް ގަޑިއަކީ ރޭގަނޑު 8:00 ކަމަށް ބުނެފައެވެ. އެގޮތަށް އޮއްވާ މިއަދު ރައީސް ނަޝީދު ވަނީ ވިޔަފާރިތައް ބަނގުރޫޓުވަމުން ދާތީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ “ބަރުލަމާނީ” ވަޓްސްއެޕް ގްރޫޕްގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ލޮކްޑައުން އުސޫލު އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސައި ހޮޓާ، ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަން އާދޭސް ކުރަމުން އަންނަ ކަމަށާއި މިއިން ދުވަހަކު އަރައި ނުގަނެވޭ ވަރަށް އެ ތަންތަނުގެ މާލީ ހާލަތު ދަށްވެފައި ވާތީ އެޗްޕީއޭގެ އުސޫލުތައް މިހެން ބޭއްވެން ނެތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ސައި ހޮޓާ ކެފޭ ރެސްޓޯރަންޓް ވިޔަފާރި ހިންގާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދޭ ނަމަ ރެސްޓޯރަންޓްތައް ބަންދުކޮށް، ހިދުމަތް ދިނުން އެއްކޮށް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.