ކޮވިޑް ބަލިމަޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ހިންގަމުންދާ ބައެއް ވިޔަފާރިތައް ބަނގުރޫޓު ވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެ އެޖެންސީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ނައިބު މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މާދަމާ ކުރިއަށް ގެންދާ ބައްދަލުވުމަށް އެޗްޕީއޭ ހާޒިރުކުރަން މިހާރު ވަނީ ނިންމާފައި ކަމަށެވެ. އެގޮތުން މިހާރު އެޗްޕީޢޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އިގްތިސޯދަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް އެތައް މަސައްކަތެއް ކުރަމުންދާ މި ދަންޑިވަޅުގައި ރެސްޓޯރަންޓް ކެފޭ، އަދި ހޮޓާ ފަދަ ތަންތަން ހިންގުމަށް ހުއްދަ ދީފައިވާ ވަގުތާ ގުޅިގެން ބޮންޑޭ ވިދާޅުވީ، އެޗްޕީއޭގެ މި އުސޫލުތަކަކީ އިންސާނެއްގެ ހަމަ ބުއްދިއަށް ނަގައިގަންނަން އުނދަގޫ އަދި ގަބޫލުކުރަން ދަތި އުސޫލުތަކެއް ކަމަށެވެ.

"އިރުއޮއްސޭ އިރު ވެހިކަލްތަކުން މީހުން ބާލުވާ އިރު ހީވާކަހަލަ ކޮވިޑް މި ފެތުރެނީ ވެހިކަލްތަކުންނޭ، މި ދުނިޔޭގެ އެއްވެސް ގައުމަކުން ބުނެފައެއް ނެތް ކޮވިޑް ފެތުރެނީ ވެހިކަލްތަކުންނޭ. އެހެންވީމަ ވެހިކަލްތަކުން މީހުން ބޭލީމާ، ދެން އެމީހުން ހުޅުމާލެއަށް މި ދަނީ ބަސްތައް ފުރާލައިގެން. މީގަ އިންސާނީ ހަމަ ބުއްދިއަށް ގަބޫލު ނުކުރެވޭ އެތައް ކަމެއް އެބަހުރި"
އިބްރާހިމް ރަޝީދު (ބޮންޑޭ)

އެގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 6:00 ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަކީ ވެސް އެފަދައިން ގަބޫލު ކުރަން ދަތި އުސޫލެއް ކަމަށް ބޮންޑޭ ފާހަގަ ކުރެއްވިއެވެ. އެ އުސޫލު އެގޮތަށް ހަމަޖެއްސުމުން ދުއްވާ އުޅަނދު ދުއްވާ ފަރާތްތަކުން ދެން ހުޅުމާލެ ފަދަ ތަންތަނަށް ދިއުމަށް ބޭނުން ކުރަނީ އާންމު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާ ބަސްތައް ކަމަށެވެ. އެހެންކަމުން މިހާރު ކޮވިޑް ފެތުރެނީ އާންމު ރައްޔިތުން ދުއްވާ އެއްގަމު އުޅަނދުން ކަމަށް ގަބޫލު ކުރަން ޖެހިވަޑައިގެންފައިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެޗްޕީއޭގެ އުސޫލުތަކާ ގުޅިގެން ކަންބޮޑުވުން ތަކެއް ބޮންޑޭ ފާހަގަ ކުރައްވާފައި ވާއިރު، މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިޔަފާރުތައް ބަނގުރޫތުވަމުން ދާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު އިސްވެ ހުންނަވާ، ކުރިއަށް ގެންދަވާ “ބަރުލަމާނީ” ވަޓްސްއެޕް ގްރޫޕްގައި ވަނީ ވިޔަފާރިތައް ބަނގުރޫޓު ވަމުން ދާތީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ލޮކްޑައުން އުސޫލު އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސައި ހޮޓާ، ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަން އާދޭސް ކުރަމުން އަންނަ ކަމަށާއި މިއިން ދުވަހަކު އަރައިނުގަނެވޭ ވަރަށް އެ ތަންތަނުގެ މާލީ ހާލަތު ދަށްވެފައި ވާތީ އެޗްޕީޢޭގެ އުސޫލުތައް މިހެން ބޭއްވެން ނެތް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ރޭގެ ނިޔަލަށް އެޗްޕީއޭއިން ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކެފޭ، ހޮޓާ، ރެސްޓޯރަންޓް އަދި ކެންޓީން ފަދަ ތަންތަން ހުޅުވައިގެން އާންމުންނަށް ހިދުމަތް ދެވޭނީ ރޭގަނޑު 8:00 ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މިއަދު އެޗްޕީއޭއިން ވަނީ މި އުސޫލަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން މިހާރު އެ ވަގުތު އިތުރުކޮށް އެތަންތަން ހުޅުވައިގެން އާންމުންނަށް ހިދުމަތް ދެވޭނީ ރޭގނަޑު 10:30 ހާ ހަމައަށް ކަމަށް އެޗްޕީއޭއިން ވަނީ އިއުލާން ކޮށްފައެވެ.

ކޮވިޑް އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މި ކަމާ ގުޅިގެން ގިނަ ވިޔަފާރި ވެރިންނާއި ރެސްޓޯރަންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކުން ވަނީ އެ ފިޔަވަޅުތަކަށް ލުއި ނުދޭ ނަމަ ރެސްޓޯރަންޓްތައް ބަންދުކޮށް، ހިދުމަތް ދިނުން އެއްކޮށް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.