މާލެ ސިޓީގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ރޭގަނޑު 10:30އާ ހަމައަށް އިތުރު ކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، ހުޅުވައިގެން ހިދުމަތް ދިނުން ރޭގަނޑު 10:30އާ ހަމައަށް ހުޅުވާލަފައިވާ ކަމަށެވެ.

ކުރިން ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި ނަމަވެސް އެ އެންގުން މިހާރު ބާތިލްކޮށްފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

މިފަދަ ތަންތަނަށް ހިދުމަތް ދެވޭނެ ވަގުތު އިތުރު ކޮށްފައި ވާއިރު، ރޭގަނޑު އަށެއްގެ ފަހުން ކެފޭ ރެސްޓޯރަންޓް ތަކުން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން މަނާ ކުރުމުން ސްޓޯރަންޓް ތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރިއެވެ.

ހަމައެއާއެކު، ފިޔަވަޅުތަކަށް ލުއި ނުދީފިނަމަ ރެސްޓޯރެންޓްތައް ބަންދުކޮށް، ހިދުމަތް ދިނުން އެއްކޮސް ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ރެސްޓޯރެންޓްތަކުގެ ވެރިން ވަނީ ދީފައެވެ.