މާލެ ސިޓީގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ހުއްޓާލުމަށް އެންގި މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

އެޗްޕީއޭގެ މި ފިޔަވަޅާއެކު، މިހާރު އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 8:00 އެވެ. އަދި އެތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8 އިން ފެށިގެން ހުއްޓާލުމަށް އަންގާފައި ވާއިރު، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އެޗްޕީއޭއިން އަންގާފައި ވެއެވެ.

އެޗްޕީއޭއިން ވަނީ، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައެވެ. އަދި އެ އެޖެންސީގެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ އެޖެންސީން ވަނީ އަންގާފައެވެ.

ރޭގަނޑު އަށެއްގެ ފަހުން ކެފޭ ރެސްޓޯރަންޓް ތަކުން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން މަނާ ކޮށްފައި ވާއިރު، އެއީ އެންމެ ގިނަ ބަޔަކު ރެސްޓޯރަންޓްތަކަށް ދާ ގަޑިކަން ފާހަގަ ކޮށްލެވެއެވެ. މިކަމުގެ ސަބަބުން ރެސްޓޯރަންޓް ތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާއިރު، މާގިނަ ދުވަސް ވަންދެން މި ފިޔަވަޅު މިގޮތުގައި ދަމަހައްޓައިފި ނަމަ ވިޔަފާރިތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ރެސްޓޯރަންޓްތަކުގެ ވެރިން ވަނީ ފާޅުކޮށްފައެވެ.

ހަމައެއާއެކު، ފިޔަވަޅުތަކަށް ލުއި ނުދީފިނަމަ ރެސްޓޯރެންޓްތައް ބަންދުކޮށް، ހިދުމަތް ދިނުން އެއްކޮސް ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ރެސްޓޯރެންޓްތަކުގެ ވެރިން ވަނީ ދީފައެވެ.