މިމަހު 2ގެ ފަހުން ރ. އުނގޫފާރަށް ގޮސްފައި ވާނަމަ އަދި އުނގޫފާރުގައި އުޅެ އެހެން ރަށަކަށް ދިޔަ މީހަކު ހުރިނަމަ އަވަހަށް އެންގުމަށް އެޗްޕީއޭއިން އެދިއްޖެއެވެ. އަދި އެފަދަ މީހުން އެމީހަކު ތިބި ރަށެއްގައި 10 ދުވަހު ކަރަންޓީން ވާންވެސް ވަނީ އެދިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، މާޗް 2. 2021 ގެ ފަހުން އެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން އެ ތާރީހުގެ ފަހުން އުނގޫފާރަށް ގޮސްފައިވާ ފަރާތެއް ވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މާޗު 2ގެ ފަހުން އުނގޫފާރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދިފައެވެ.

ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާ ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.