ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން 3 ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް އެ ސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ބަދަލު ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ފޮޓޯ ނެގުމަށް އެސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ފޮނަދޫ ބްރާންޗްގެ މުވައްޒަފުން އެރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް އެސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށް ދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ބަހައްޓާފައިވާ ކަމަށެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ކުރި ހަރަކާތްތަކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ 3 ރަށުގައި ކުރެވިގެންދިޔަ މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދު ހަރަކާތްތަކެއް ހިންގާފައިވާއިރު ބޭންކުގެ އަމާޒަކީ އެ ފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިއުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގުދުރަތީ ކާރިސާ ތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.