މާލެ ސަރަޙައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ތާރީހެއް އިއުލާނެ ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީޢޭއިން މިހެން ބުނެފައިވާ އިރު މާލެ ސަރަހައްދުގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ކެމްޕޭންގެ ދަށުން ފުރަތަމަ ޑޯޒް ދިނުން މެދުކަނޑާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށް ފަހު މިއަދުން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުދެވި ހުރި ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައި އޮތް ނަމަވެސް ރޭގެ އެޗްޕީއޭއިން ބުނީ، ފުރަތަމަ ޑޯޒް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީހެއް އެ އެޖެންސީން އިއުލާން ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުން މެދުކަނޑާލި އިރު މި ސަރަހއްދުން 121،630 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މިހާތަނަށް ޖުމްލަ 218،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، 96،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވަނީ އޮތޮޅު ތެރެއިންނެވެ.

މާލެ ސަރަހައްދުގައި 18 އަހަރުންމަތީގެ އުމުރު ފުރާގެ ކޮންމެ މީހަކަށް ވެސް ވަނީ ވެކްސިން ޖަހާފައެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ވެސް ވަނީ މި ކެމްޕޭންގެ ދަށުން ވެކްސިން ޖަހައިދީފައެވެ.

ރާއްޖެއަށް މިހާތަނަށް ލިބި، ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި 12000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް ވެކްސިން ޖެހި އަދަދު ވަނީ 212،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. ލިބުނު ވެކްސިން އަށް ވުރެ ގިނައިން ވެކްސިން ޖަހާކަން ފާހަގަ ވެފައި ވާ ސަބަބު އޮޅުން ފިލުވައި ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ، 212،000 ޑޯޒްގެ ވެކްސިނަކީ 21،200 ވެކްސިން ފުޅި (ވައިލް) ކަމަށެވެ. އަދި ކޮންމެ ފުޅިއަކުން 10 ޑޯޒް ނެގޭ އިރު، ބައެއް ފުޅިން 11 ޑޯޒް ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެއް ވަނަ ޑޯޒް ދިނުން ހުއްޓާލާފައިވާ އިރު ދެވެނަ ޑޯޒް ވެކްސިން އަންނަ އޭޕްރިލް މަހު ފެށޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭޕްރިލް މަސް ފެށެން ވާއިރަށް އިތުރު ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެއެވެ.