މިއަދު 145 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 104 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 14 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 21 މީހަކާއި ކަނޑުމަތީ އޮތް އުޅަނދުތަކުން 5 މީހެއްގެ އިތުރުން ހަދަމުންދާ ރަށަކުން އެކަކު ކަމަށެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓު:
މިއަދު ޕޮޒިޓިވްވި އަދަދު: 145
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 120
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 22،292
ކޮވިޑް އެކްޓިވް ކޭސް: 2447
ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 19773
ކޮވިޑް މަރުގެ ޖުމްލަ އަދަދު: 65
ކޮވިޑް ބަލީގައި މިހާތަނަށް 65 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ތިން މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
ތިން ވަނަ މީހާ މަރުވީ ރެއެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ.
ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ކޮވިޑް ބަލީގައި 2 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 746 އެވެ. އަދި މިދިޔަ ޖެނުއަރީ މަހު މި ބަލީގައި 4 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2084 އެވެ. ފެބްރުއަރީ މަހަށް އައި އިރު އެ އަދަުތައް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ މަހު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3952 އަށް އަރާފައެވެ.