ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކޮށްފައިވާ އިއުލާނެއްގައި ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މާޗް ހަތަރު ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް މާޗް 18 އިން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

މާލެ ސިޓީގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން މާލެ ސިޓީގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ހުއްޓާލުމަށް އެންގި މުއްދަތުވެސް އެޗްޕީއޭން ވަނީ އިތުރު ކޮށްފައެވެ. މިހާރު އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 8:00 އެވެ.

އެތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8 އިން ފެށިގެން ހުއްޓާލުމަށް އަންގާފައި ވާއިރު، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އެޗްޕީއޭއިން އަންގާފައެވެ.

އަދި އެއްގަމު އުޅަނދު ދުއްވޭނީ ހެނދުނު 6 އިން އިރު އޮއްސި 6 އަށެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުން
  • ދުވުމަށް ހާއްސަކޮށްފައި ވާ ޓްރެކުތައް ބަންދުކުރުން
  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުން

އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އަޅާފައިވާ ފިޔަވަޅުތައް:

  • ޖިމްތަކުގައި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
  • ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުން
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުން
  • ޑޭ ކެއަގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓާލުން