ރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ތައުލީމީ ދާއިރާ އަހުލުވެރި ކުރުމަށް "ދަ ރޯލް އޮފް ސީނިއާ އެޑިޔުކޭޓާސް އިން އަ ކޮހީސިވް ކޮމިޔުނިޓީ" ގެ ނަމުގައި ވެބިނާއެއް ބާއްވައިފިއެވެ. މި ވެބިނާގައި ތަޢުލީމީ ނިޒާމުގެ ތެރެއިން ހަރުކަށިފިކުރުގެ ނުރައްކާ ދުރުކުރެވޭނެ ގޮތްތައް ދެނެގަނެ، ތަހައްމަލު ކުރުމުގެ އާދަ އަށަގެންނެވުމާއި، އަނެކުންގެ ހައްގުތަކަށް އިހުތިރާމް ކުރުގެ ސަގާފަތް އަށަގެންނެވުމާ ބެހޭ ގޮތުން މައުލޫމާތު ދީފައި ވެއެވެ.
އިއްޔެ ފެށި މި ބައްދަލުވުމުގައި ތައުލީމީ ދާއިރާގެ 200 ވަރަކަށް ސީނިއާ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
އިއްޔެ ވެބިނާ ފައްޓަވައިދެއްވަމުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) ގެ ޑައިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ހަރުކަށި ފިކުރު ހުއްޓުވުމުގައި ސްކޫލްތަކުގެ އިސްވެރިންގެ މުހިއްމު ކަން ބޮޑުކަމަށެވެ. އަދި ރެޑިކަލައިޒޭޝަނާއި ވައިލެންޓް އެކްސްޓްރީމިޒަމާ ގުޅިގެން މުޖުތަމައަށް އަންނަމުން ދާ ބަދަލުތައް އެންމެ ގާތުން ފެންނާނެ ބަޔަކީވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށެވެ.
މި ޕްރޮގްރާމަކީ އެންސީޓީސީއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ތައުލީމީ ދާއިރާއަށް އަމާޒުކޮށް، ސްކޫލްތަކުގެ އިސްބޭފުޅުންނަށް ހިންގި ޕްރޮގްރާމެކެވެ. މި ވެބިނާގެ ސެޝަންތައް ނަންގަވައި ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ – އެކެޑެމިކް އެފެއާޒް ޑރ. ސައުދުﷲ އަލީއާއި ޔޫއެންޑީޕީ މޯލްޑިވްސްގެ ކޮންސަލްޓަންޓް ރޮބާޓް ޓެމްޕްލާއެވެ.
ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒު ކޮށްގެން ހިންގާ މިއީ ސިލްސިލާ މަސައްކަތު ބައްދަލުވުމެކެވެ. މި ސިލްސިލާގެ، ބައްދަލުވުންތައް ވޭތުވެދިޔަ 2019 އަދި 2020 ތެރޭގައި "ގްރޭޓާ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅުގެ ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް ވަނީ ހިންގާފައެވެ.