ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 215،852 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ވެކްސިން ޖަހާފައި ވަނީ 1366 މީހުންނެވެ. އެއީ މުޅިން ވެސް އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދެވެ. މިއާއެކު އަތޮޅުތެރޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 94،222 އަށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާ މީހުންގެ އަދަދު ދެ ލައްކައަށް ވުރެ އިތުރުވެފައި ވާއިރު، މާލޭ ސަރަހައްދުގައި އާންމުކޮށް ވެކްސިން ޖަހާ ދިނުން މި ވަގުތަށް ވަނީ މެދުކަނޑާލާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެދުކަނޑާލާފައި ވާ އިރު މާލެ ސަރަަހައްދުގައި މިހާތަނަށް ވަނީ 121،630 މީހުން ވެކްސިން ޖަހާފައެވެ. އަދި ކަނޑައަޅާފައި ވާ ހާއްސަ 5 ކެޓަގަރީއަށް ވެކްސިން ޖަހައިދޭން ފަށަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ރާއްޖެއަށް މިހާތަނަށް ލިބި، ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި 12000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް ވެކްސިން ޖެހި އަދަދު ވަނީ 212،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. ލިބުނު ވެކްސިން އަށް ވުރެ ގިނައިން ވެކްސިން ޖަހާކަން ފާހަގަވެފައިވާ ސަބަބު އޮޅުން ފިލުވައި ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ، 212،000 ޑޯޒްގެ ވެކްސިނަކީ 21،200 ވެކްސިން ފުޅި (ވައިލް) ކަމަށެވެ. އަދި ކޮންމެ ފުޅިއަކުން 10 ޑޯޒް ނެގޭ އިރު، ބައެއް ފުޅިން 11 ޑޯޒް ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެއް ވަނަ ޑޯޒް ދިނުން ހުއްޓާލާފައިވާ އިރު ދެވެނަ ޑޯޒް ވެކްސިން އަންނަ އޭޕްރިލް މަހު ފެށޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭޕްރިލް މަސް ފެށެން ވާއިރަށް އިތުރު ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެއެވެ.

މިހާރު ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒާ އަދި ސައިނޯފާމް ވެކްސިނަށެވެ. ފައިޒާ އަދި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ.