މިއަދު އިތުރު 142 މީހަކާއެކު މި މަހު ކޮވިޑަށް ޕޮޒިޓިވް ވި އަދަދު 2168 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 112 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 19 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 11 މީހެއް ކަމަށެވެ.

މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 21،961 އަށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު 118 އަށް އަރާފައި ވާއިރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 2371 އަށް އަރާފައެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 19،519 އަށް އަރާފައިވާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 64އަށް އަރާފައެވެ. އޭގެ ތެރެއިން މި މަހުގެ ތެރޭގައި މި ބަލީގައި މަރުވެފައި ވަނީ ދެ މީހަކެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައި ވާއިރު، ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ދ. ކުޑަހުވަދޫ މިއަދު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ 6 މީހަކު ބަލީގެ އަލާމާތް ހުރެގެން ހެދި ޓެސްޓުންނެވެ.

އެ ކޭސްތަކާ ގުޅިގެން މިދިޔަ މަހުގެ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީޙެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން މިރޭ ވަނީ އެދިފައެވެ. އަދި އަދި އެ ތާރީހުގެ ފަހުން ކުޑަހުވަދޫއަށް ގޮސްފައިވާ މީހެއް ވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން ސާމްޕަލް ނަގާ ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.