ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، މި މަޝްރޫއުއަށް ފަންޑް ކުރަނީ ޑިސެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައި ވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކަމަށާއި އަދި މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ ދަށުންނެވެ. މި މަޝްރޫއު މައިގަނޑު 3 ބަޔަކަށް ބަހާލާފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ވާރޭ ފެން ރައްކާކޮށް، ބޯން ކަމުދާ ފެނަށް ބަދަލު ކުރުމާއި، ލޮނުފެން ޑީސެލިނޭޓްކޮށް ސަޕްލައި ކުރުމާއި އަދި ނަޖިސް އެއްކޮށް، ރައްކާތެރިކަމާ އެކު ނައްތާލުން ކަމުގައި ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ 9 މަޝްރޫއުތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހޮވާފައިވާ 34 ރަށަކީ 16 އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އެގޮތުން ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތައް ހިމެނެއެވެ.
މި މަޝްރޫއުގެ ސަބަބުން 34 ރަށުގައި ދިރިއުޅޭ ރައްޔިތުން ބޯ ފެން ގަތުމަށް ކުރާ ހޭދަ އެތައް ހަރަދެއް ކުޑަވެގެން ދާނެކަމެވެ. އެގޮތުން ފަސް މީހުން ދިރިއުޅޭ ގެއެއްގައި އެއް ލީޓަރުގެ ފެން ފުޅި ތިން ރުފިޔާއަށް ބޯން ގަންނަ ނަމަ، މަހެއްގެ މައްޗަށް އާންމު ކޮށް ބޯ ފެން ގަތުމަށް 450 ރުފިޔާ ހަރަދު ކުރެވެއެވެ. އަދި އަހަރުގެ 9 މަސް ދުވަހު މި ހަރަދު ކުރަން ޖެހޭ ކަމަށް ބަލައިފިނަމަ މުޅި އަހަރުގެ ތެރޭގައި ކޮންމެ މަހަކު 337 ރުފިޔާ ހަރަދު ކުރެވެއެވެ. ނަމަވެސް، ފެނުގެ ނިޒާމު ގާއިމު ކުރުމުން ގޭބިސީތަކުން ހަރަދު ކުރަން ޖެހޭ އަދަދު ބޮޑު ތަން ކުޑަވާނެއެވެ.
ދިވެހިރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ އިރު އެ ރަސްމިއްޔާތުގައި ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި ޑެޕިއުޓީ ހައި ކޮމިޝަނާ އޮފް އިންޑިއާ ރޯހިތު ރާތިޝް ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ރަސްމިއްޔާތުގައި ކޮންޓްރެކްޓްގައި ސޮއި ކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނާއި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް، އެސްއެމްސީ އިންފްރާސްޓްރަކްޗާޒް ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވާރަމެންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައެވެ.