ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ހުއްދަ ބިދޭސީންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ދޭ ގޮތަށް އިސްލާހު ގެނެސްފިއެވެ.
ޓޫރިސްޓު ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިއަދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓުގައި އާންމު ކުރި ގަވާއިދުގައި ބުނާ ގޮތުން، ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ދޫކުރާނެ ފަރާތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނާޝިޕް ތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޭނެއެވެ. އަދި އެގޮތަށް ހުއްދަ ދޫކުރާނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ކަނޑައަޅާފައި ވާ ޝަރުތުތަކާ އެއްގޮތް ވާ ގޮތުގެ މަތިން ކަމަށާއި އިންވެސްޓު ކުރެވޭނީ އެ ޕޮލިސީގައި ކަނޑައަޅާފައި ވާ މިންގަނޑަށް ވުރެ އިތުރު ނުވާ ގޮތުގެ މަތިން ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ.
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ބުނާގޮތުން ގެސްޓްހައުސް ހިންގުމަށް ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނާޝިޕް ތަކުގައި ބޭރުގެ ފަރާތްތަކުގެ އޮންނަން ޖެހޭނީ 49 ޕަސެންޓް ހިއްސާއެވެ.
މިއަދު މި ގަވާއިދަށް އިސްލާހު ގެނެސްފައިވާ އިރު މީގެ ކުރިން ގަވާއިދުގައި އޮންނަނީ ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާނީ ދިވެހި ރައްޔިތުންނަށާއި ބިދޭސީން ނުހިމެނޭހެން ޕާޓްނާޝިޕް ގާނޫނުގެ ދަށުން އުފައްދާފައި ވާ ޕާޓްނާޝިޕް ތަކަށާއި ކުންފުންޏާ ބެހޭ ގަވާއިދުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.