ދިވެހި އަސްކަރިއްޔާ އަކީ ކުޅޭ ކުޅޭ ތަނަކަށް ނެހެއްދެވުމަށް ބުރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ގޮވާލައްވައިފިއެވެ.
މަންސޫރު އެހެން ވިދާޅުވީ އުތުރުތިލަފަޅު މައްސަލާގައި މިހާރު އެމްއެންޑީއެފުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
މަންސޫރު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ އިސްތިގުލާލާއި ދިވެހިރާއްޖޭގެ ސަލާމަތާއި ދިފާއަށް އެ މުއައްސަސާއަށް ވުރެ ބޮޑަށް ގުރުބާންތަކެއް ވި މުއައްސަސާއެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.
މަންސޫރު ވިދާޅުވީ ސިފައިންނަށް ރައްޔިތުން އިތުބާރު ކުރުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅިގެން ދާ ފަދަ ގޮތަކަށް ދިވެހި އަސްކަރިއްޔާ އާ މެދު އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކެވުމަށް މަންސޫރު ވަނީ އެދިވަޑައިގެންފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އޭގެ އިތުރުން ދިވެހި ސިފައިން 20 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން އަންނަ ކަމަށާއި، އެގޮތަށް ތުހުމަތު ކުރާނަމަ އެ މައްސަލަ ބަލަން ހުށަހަޅުއްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި އެ އެއްބަސްވުމުގެ ޑްރާފްޓް ކަމަށް ބުނާ ލިޔުމުގައި ބަޔާން ކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތު ކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިން ބޭނުން ނަމަ 2 ގައުމު އެއްބަސްވެ، ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ.