މިހާރު އޮތް ޔޫޓީއފް އެގްރީމަންޓްގެ ސަބަބުން އެމްއެންޑީއެފް އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް އެހެން ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ލިޔުމެއް ލީކުކޮށްލި މައްސަލާގައި މިހާރު އެމްއެންޑީއެފުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން ޝަމާލް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ސޮއި ކުރި އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ރާއްޖޭގެ ދިފާއީ ބާރަށް ކުރިއެރުމެއް އަންނާނެ ކަމަށާއި ހަމައެއާއެކު ކޯސްޓްގާޑުގެ އެފަދަ ފެސިލިޓީއެއް ހެދިގެންދާނަމަ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެއްބަސްވުމުގައި ވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބާ ރިޕެއާ ފެސިލިޓީ (އެޗްއާރްއެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުއާސަލާތީ ވަސީލާތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިއީ 2013 ވަނަ އަހަރުން ފެށިގެން މަޝްވަރާތައް ކުރެވެމުންގޮސް، ކުރެވިފައިވާ މަޝްވަރާތަކާއި ދެކެވިފައިވާ ވާހަތަކާއި އެއްގޮތަށް ކުރެވިފައިވާ އެއްބަސްވުމެއް ކަމަށް ވެސް ޝަމާލް ވަނީ ވިދާޅުވެފައެވެ.

ޝަމާލް ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫންކަމަށެވެ. އަދި އެއީ ޑްރާފްޓެއްކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހި ސިފައިން 20 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން އަންނަ ކަމަށާއި، އެގޮތަށް ތުހުމަތު ކުރާނަމަ އެ މައްސަލަ ބަލަން ހުށަހަޅުއްވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.