އެޗްޕީއޭއިން އަޅާފައި ވާ ފިޔަވަޅުތަކަށް ލުއި ނުދޭތީއާއި، އެއީ ހަމަހަމަ ކަމަކާއެކު އަޅާފައިވާ ފިޔަވަޅުތަކަކަށް ނުވާތީ ކަމަށް ބުނެ ބައެއް ސަރަހައްދުތަކުގެ ރެސްޓޯރެންޓްތައް ބަންދު ކުރަން ނިންމައިފިއެވެ.

މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އަދި ރެސްޓޯރެންޓް އެސޯސިއޭޝަން މޯލްޑިވްސް (އާރްއޭއެމް) އިން ބުނީ، އެޗްޕީއޭގެ ފިޔަވަޅުތަކާ ހެދި ވިޔަފާރިތަކަށް ގެއްލުން ވަމުން ދާތީ، ގިނަ ދޮރުތަކެއްގައި އެހީއަށް އެދި ޓަކި ޖެހިއްޖެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، މަޖިލީހަށް ވެސް ދެވިއްޖެ ކަމަށް އެ ފަރާތުން ބުނެއެވެ.

އެމްއީޔޫ އަދި އާރްއޭއެމުން ބުނީ، އެ މީހުން އެދެމުން ދަނީ ވިޔަފާރި ކުރުމުގެ ހަމަހަމަ ފުރުސަތުތަކަކަށް ކަމަށެވެ. އަދި ފިހާރަތައް ފަދަ އެހެނިހެން ވިޔަފާރިތައް ހުުޅުވައިގެން ހިންގޭ ނަމަ ރެސްޓޯރެންޓްތަކަށް ވެސް އެ ފުރުސަތު ލިބެން ޖެހޭ ކަމަށް އެ މީހުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެންމެ ހައި ރިސްކް ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވާ ޖިމްތައް ވެސް ހުޅުވާ، ހިދުމަތް ދެމުން ދާ ކަން ފާހަގަ ކޮށް، އެމްއީޔޫ އަދި އާރްއޭއެމުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެ ފަރާތުން އިތުރާށް ބުނީ، ރޭ ވެސް ކޮވިޑް ޕޮޒިޓިވް ވި އަދަދު އުޅުނީ ޓެސްޓު ކުރި މީހުންގެ ނިސްބަތުން ބަލާއިރު، ދެ ޕަސަންޓުގައި ކަމަށެވެ. އަދި އެޗްޕީއޭއިން އަޅާފައި ވާ ފިޔަވަޅުތަކަށް އަމަލު ކުރަން ހަދައިގެން ވިޔަފާރި ބަނގުރޫޓު ވާނެކަން ފާހަގަ ކޮށް، އެ ފަރާތުން ބުނީ، ރެސްޓޯރެންޓްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރާކަން އިކޮނޮމިކް މިނިސްޓަރު ވެސް މީގެ ކުރިން ފާހަގަ ކުރައްވާފައި ވާ ކަމަށެވެ. އަދި އެހެން ވިދާޅުވީ އިންސްޕެކްޝަން ހެދުމަށްފަހު ކަމަށް އެމްއައިޔޫ އަދި އާރްއޭއެމުން ބުނެއެވެ.

ފިޔަވަޅުތަކާއެކު ވިޔަފާރި ކުރިއަށް ނުގެން ދެވޭނެތީ، ރެސްޓޯރެންޓްތައް ބަންދު ކުރުމަށް އެމްއީޔޫ އަދި އާރްއޭއެމުން ވަނީ ނިންމާފައެވެ. އެގޮތުން، ރެސްޓޯރެންޓްތައް ބަންދު ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދު، ވެލާނާގެ ސަރަހައްދު، ފުޑް ކޯޓު އަދި މާލެއާއި ހުޅުމާލޭގެ އެތެރޭގެ ރެސްޓޯރެންޓްތަކެވެ.

ރެސްޓޯރެންޓްތަކުގެ ވެރިން ނިކުމެ، މިފަދަ ބޮޑު ފިޔަވަޅެއް އަޅާފައި ވަނީ، އެންމެ ގިނަ މީހުން ރެސްޓޯރެންޓްތަކަށް ޒިޔާރަތް ކުރާ ވަގުތު ކަމަށް ވާ ރޭގަނޑުގެ ވަގުތުގައި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން މަނާ ކުރުމާ ގުޅިގެންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓް އަދި ސައި ހޮޓާތަކުން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރޭގަނޑު އަށަކާ ހަމައަށެވެ. އަދި 10:30 ވަންދެން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.