މި ފަހުން އިންޑިއާގެ ސީރަމް އިނިސްޓިޓިއުޓާއެކު ސޮއި ކުރީ ކޮވިޝީލްޑްގެ 3 ލައްކަ ޑޯޒް ގަންނަން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާރުމަތު ނަޒުލާ ރަފީގު މިހެން ވިދާޅުވީ، މިރޭ އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ކުރިއަށް އޮތްތަނުގައި ލިބެން ހުރި ވެކްސިންތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ނަޒްލާ ވިދާޅުވީ ޗައިނާ ސަރުކާރުން ދިނުމަށް ބުނެފައިވާ އެއްލައްކަ ޑޯޒްގެ ވެކްސިންގެ އިތުރުން އަދި އިތުރު އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު ކޮވެކްސް ފެސިލިޓީން ލިބެން އޮތް ކޮވިޝީލްޑް ވެކްސިންގެ 108،000 ޑޯޒްގެ ތެރެއިން މިހާތަނަށް 12،000 ވެކްސިން ލިބި މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން ފައިޒާގެ 5850 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕޭނުގެ ދަށުން އަންނަ އޭޕްރިލް މަހުގައި ދެވަނަ ޑޯޒްގެ ވެކްސިން ޖަހަން ފެށޭވަރު ވާނެ ކަމަށާއި އަދި އިތުރަށް ވެކްސިން ލިބެމުންދާ ވަރަކުން ވެކްސިން ނުޖެހި ތިބި މީހުނަށް ވެކްސިން ދެމުން ގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުން ރައްކާޓެރުވުމަށް ރާއްޖެއިން މިހާތަނަށް ވެކްސިން ހޯދުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މީގެ ކުރިން ވަނީ 7 ލައްކަ ޑޯޒް ވެކްސިން ގަތުމަށް ފައިސާ ދައްކާފައި ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. އެ ވެކްސިން މި މާޗު މަހު ލިބޭނެ ކަމަށް ކުރިން ބުނަމުން އައިސް މިހާރު އެޗްއީއޯސީން ބުނަނީ އެ ވެކްސިން "އަންނާނެ ކަމަށް ބެލެވެނީ" މި ހިނގާ މާޗް މަހުގެ ފަހުކޮޅު ނުވަތަ އަންނަ އޭޕްރިލް މަހުގެ ކުރީ ކޮޅު ކަމަށެވެ. އެ ވެކްސިން ލިބޭނެ ސީދާ ތާރީހެއް އެޗްޕީއޭއަކަށް ނޭނގެއެވެ.

ރާއްޖޭގައި މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޝީލްޑް ވެކްސިން ވަނީ ޖަހާފައެވެ.