ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިން ޖެހޭނެ އާބާދީގެ 46 ޕަސެންޓް މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު 7908 މީހަކު ވެކްސިން ޖަހައިފައިވާ ކަމަށެވެ. މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ 206،114 އަށް ވަނީ އަރާފައެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 116،6336 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 89،478 އެވެ. އަދި އެއީ ރާއްޖޭގައި ވެކްސިން ޖެހޭނެ އާބާދީގެ 46 ޕަސެންޓް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ 8 ވެކްސިނޭޝަން ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާއިރު، އަތޮޅުތެރޭގެ 169 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް އެބަދެއެވެ. އަދި މޮބައިލް ކޮށް ވެކްސިން ޖަހަމުންދާ 2 ޓީމެއްވެސް މާލެ ސަރަހައްދުގައި ހަރަކާތްތެރި ވެއެވެ.

މިމަހު 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ވާހަކަ އިއުލާނު ކޮށްފައި އޮތުމުން، މި ހަތްފާގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހަން ގޮސްފައެވެ. ހާއްސަކޮށް އިއްޔެ ގިނަ ބަޔަކު ވަނީ ވެކްސިން ޖަހަން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒަށް ގޮސްފައެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އަންނަ މަހުއެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ.