ހއ. ބާރަށުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ދެ ދުވަސް ވެފައި ވާއިރު، ކޭސްތައް 36ގައި ހިފެހެއްޓިފައި ވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލް ރައީސް އަލީ ޝަމީމް ވިދާޅުވީ، އެ ރަށުން ކޮވިޑް ކޭސްއެއް ނުފެންނަތާ ދެ ދުވަސް ވެފައި ވާއިރު، 36 މީހުން ޕޮޒިޓިވް ވެ 130 އަށްވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައި ވާ ކަމަށެވެ.

އަދި މިިހާރު ރެންޑަމް ސާމްޕަލްތައް ނަގަމުން ދާއިރު، މިފަހުން ނެގި ހުރިހާ ސާމްޕަލްއެއް ވެސް ނެގެޓިވް ވެފައި ވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ރަށުން ގިނަ އަދަދެއްގެ ބަޔަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައި ވާތީ ރަށުގެ ބައެއް ހިދުމަތްތައް ދިނުމުގައި އުނދަގޫތަކެއް ދިމާވެފައި ވާ ކަމަށެވެ. އެގޮތުން، ކައުންސިލާއި ފެނަކަ ފަދަ ތަންތަނުން ވެސް ހިދުމަތް ދެމުން ދަނީ މަދު މުވައްޒަފުންތަކަކާއެކު ކަމަށް ޝަމީމް ވިދާޅުވިއެވެ.

ބާރަށް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ކަރަންޓީނުގައި ތިބި ބަޔަކާ އެހެން ބަޔަކު ބައްދަލު ވެގެންނެވެ. އެގޮތުން ކަރަންޓީނުގައި ތިބި 9 މީހަކު ޕޮޒިޓިވް ވެ، އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެން އައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއަށްފަހު އެރަށުން ދަނީ ކޮވިޑް ކޭސްތައް ފެންނަމުންނެވެ.

ބާރަށުން އެކަނި ވެސް 36 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ކޮވިޑަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ.