ކަރަންޓީނު ނުވެ ކެމްޕޭނަށް ދެވޭ ގޮތަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ 12 ވަނަ މާއްދާ އުވާލައިފިއެވެ. އެ މާއްދާ އުވާލީ، އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ބޮޑުވުމާއެކު އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން އެޗްޕީއޭއިން ނިންމި އިރު އާންމު ރައްތިތުންގެ އިތުރުން ސިއްހީ ދާއިރާގެ ގިނަ ބަޔަކުވެސް ގެންދިޔައީ އެ އިސްލާހުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައްޔިތުންގެ ގިނަ ކަންބޮޑުވުން ތަކެއް ހުރުމާ ގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމައިފި
އެޗްޕީއޭ

އެޗްޕީއޭ އިން ނެރުނު އެ ގައިޑްލައިނުގައި ބުނެފައި ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ފަސް ދުވަހަށް ވުރު ދިގު މުއްދަތަކަށް ދަތުރު ކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. ދަތުރު ކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕޭން ޓީމުން ވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި އަދި ދަތުރު ކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށް އެޗްޕީއޭ ގައިޑްލައިނުގައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަކަށް ފުރުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ ނަމަ ދަތުރުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެޗްޕީއޭގެ ގިނަ ގައިޑްލައިން ތަކާ މެދު އާންމުން ކަންބޮޑުވެފައި ވާއިރު، އެއްވެ އުޅުމުގައި 5 މީހުންނަށް ވުރެ ގިނައިން އެކުގައި އުޅުން އެޗްޕީއޭއިން މަނާކޮށް ފުލުހުން އެކަން ތަންފީޒު ކުރުމުގައި ވަކި ބަޔަކަށް ވަކި ގޮތެއް ހަދާ ކަމުގެ ތުހުމަތުވެސް އެބަ އޮތެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކާއި ކެމްޕޭން ހަރަކާތްތައް ފުލުހުން ރޫޅާލަން މަސައްކަތް ކުރާ ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް މިހާރުވެސް އެމްޑީޕީން ކުރިއަށް ގެންދާ ބައެއް ކެމްޕޭން ހަރަކާތް ތަކުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުނު ކަމުގައި ވިޔަސް އެކަންކަމަށް ފުލުހުން ފިޔަވަޅު ނާޅާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.