މިއަދު އިތުރު 114 މީހަަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 86 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 14 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 14 މީހެކެވެ. މިއަދު 114 މީހުން ޕޮޒިޓިވެފައި ވާއިރު މިއަދު ވަނީ 85 މީހުން ބަލިން ރަނގަޅުވެފައެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 114
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 133
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 21،382
  • ކޮވިޑް އެކްޓިވް ކޭސް: 2581
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު:18،780
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 64

ކޮވިޑް ބަލީގައި މިހާތަނަށް 64 މީހުން މަރުވެފައި ވާއިރު މި މަހުގެ ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިއަދު ފެނުނު 114 ކޭސްއާއެކު މި މަހު މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މި ވަނީ 1589 އަށް އަރާފައެވެ.

ވޭތިވެ ތިން މަސް ދުވަހުގެ ތަފށް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ކޮވިޑް ބަލީގައި 2 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 746 އެވެ. އަދި މިދިޔަ ޖެނުއަރީ މަހު މި ބަލީގައި 4 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2084 އެވެ. ފެބްރުއަރީ މަހަށް އައި އިރު އެ އަދަުތައް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ މަހު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މިުންގެ އަދަދު ވަނީ 3952 އަށް އަރާފައެވެ.