ކޮންމެ ކަމެއްގައި ވެސް ޑަބަލް ސްޓޭންޑަށް އޮތް ކަމަށް ވިދާޅުވެ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އަނީސާ އަހުމަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފާޑުވިދާޅުވެއްޖެއެވެ.

އަނީސާ މިހެން ވިދާޅުވީ، ދާދި ފަހުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެޗްޕީއޭއިން އާންމު ކުރި ގައިޑްލައިނާ ގުޅިގެންނެވެ. އެ ގައިޑްލައިންގައި ބުނެފައި ވަނީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނާއި އަދި ކެމްޕޭން ޓީމްތަކަށް ކަރަންޓީން ވުމަކާ ނުލައި ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ އޮތް ކަމަށެވެ.

މިކަމާ ގުޅިގެން އަނީސާ ވިދާޅުވީ، އެޗްޕީއޭ ގައިޑްލައިންގައި ވެސް ސިޔާސީ ކަންކަމަށް ލުއި ކޮށްދޭ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވެނީ އަބަދުވެސް މިހެން ކަން ކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނެރުނު ގައިޑްލައިނުގައި ބުނެފައި ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ފަސް ދުވަހަށް ވުރު ދިގު މުއްދަތަކަށް ދަތުރު ކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. ދަތުރު ކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕޭން ޓީމުން ވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި އަދި ދަތުރު ކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށް އެޗްޕީއޭ ގައިޑްލައިނުގައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަކަށް ފުރުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ ނަމަ ދަތުރުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެޗްޕީއޭގެ ނިންމުންތަކަށް އަނީސާ ފާޑުވިދާޅުވެފައި ވާއިރު، އެޗްޕީއޭއިން ގައިޑްލައިން ތަކަށް މިފަދަ ބަދަލުތަކެއް ގެނެސްފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެންޕޭން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށެވެ. އެޗްޕީއޭ ގައިޑްލައިންތަކާ ހެދި ކެމްޕޭން ކުރުމަށް ހުރަސް އެޅޭތީ އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އެޗްޕީއޭ އަދި ޓެގް ޓީމަށް ވަނީ އަމާޒުވެފައެވެ.

މިހާރު އެޗްޕީއޭގެ ގައިޑްލައިނަށް ބަދަލު ގެނައުމާ އެކު ވެސް ގިނަ ބަޔަކު މިވަނީ އެޗްޕީއޭއަށް ފާޑު ކިޔަން ފަށާފައެވެ. އެގޮތުން އާންމު ތަންތަނަށް އެއްވެ އުޅުމުގައި 5 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި އުޅުމަކީ މަނާކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެފައި ވާއިރު، ފުލުހުން އެކަން ތަންފީޒު ކުރުމުގައި ވަކި ބަޔަކަށް ވަކި ގޮތަކަށް އަމަލު ކުރަމުންދާ ކަމަށް ވެސް އެއްބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކާއި ކެމްޕޭން ހަރަކާތްތައް ފުލުހުން ރޫޅާލަން މަސައްކަތް ކުރާ ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް މިހާރުވެސް އެމްޑީޕީން ކުރިއަށް ގެންދާ ބައެއް ކެމްޕޭން ހަރަކާތް ތަކުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުނު ކަމުގައި ވިޔަސް އެކަންކަމަށް ފުލުހުން ފިޔަވަޅު ނާޅާ މައްސަލަ ވެސް މިވަނީ އާންމުންގެ ތެރޭގައި އޮތް ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ.