ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓާ ވާން 26،000 ވުރެ ގިނަ މީހުން ހުށައަޅާ ފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާ ވުމަށް ހުޅުވާލި ފުރުސަތުގައި އިއްޔެގެ ނިޔަލަށް 26750 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ފޯކަލް ޕޮއިންޓް ތަކަށް އިތުރު ފޯމްތައް ހުށައަޅާފައި ހުރެދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރީ-ރަޖިސްޓާ ވުމަށް އިތުރު ފުރުސަތު ދީފިނަމަ އިންތިހާބު ބާއްވަން ކަނޑައެޅިފައިވާ ތާރީހަށް ނިންމާ ނުލެވޭނެ ކަމަށެވެ.

މިއީ މީގެ ކުރިން ރީ ރަޖިސްޓާ ކުރި އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މިހާރު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.