ސްރީލަންކާގައި އޭޕްރިލް 21، 2019 ގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރިޔާ، ޒަހްރާން ހާޝިމް އާއި ދިވެހިންތަކެއް ބައްދަލު ކޮށްފައިވާ ކަމަށް ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކަރަ ވިދާޅުވެއްޖެއެވެ.

ސަރަތު އެހެން ވިދާޅުވެފައި ވަނީ އެ ހަމަލާ ތަހުގީގު ކުރުމަށް އެގައުގެ އިންކުއަރީ ކޮމިޝަނުން ތައްޔާރު ކުރި ތަހުގީގު ރިޕޯޓާ ގުޅޭގޮތުން ގާނޫނު ހަދާ މަޖިލީހަށް ހާޒިރުވެ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ސަރަތު ވިދާޅުވީ ލަންކާ ހަމަލާގެ ކުރިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ބަޔަކާއި ހާޝިމް އަދި ހަތަރު ދިވެހިން އެކި ފަހަރު މަތިން ބައްދަލު ކޮށްފައި ވާ ކަމަށެވެ.

އެ ބައްދަލުވުންތައް ބާއްވާފައި ވަނީ 2016 ވަނަ އަހަރާއި 2019 އަހަރުގެ ތެރޭގައި ކަމަށް ސަރަތު ވިދާޅުވިއެވެ.

ސަރަތު ވިދާޅުވި ގޮތުގައި އެ ހަތަރު ދިވެހިންނަކީ ވެސް ހަރުކަށި ފިކުރުގެ، ޓެރަރިޒަމް އާ ގުޅުން ހުރި ބައެކެވެ. އަދި އެ ހަތަރު ދިވެހިން ހާޝިމް އާ ބައްދަލުވީ އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ލަންކާއަށް ނިސްބަތްވާ ދެ މީހުން މެދުވެރިކޮށް ކަމަށް ސަރަތު ވަނީ ވިދާޅުވެފައެވެ.